މާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން ގިނަ ޢަދަދެއްގެ އުޅަނދުތަކެއް ޓޯކޮށްފި އެވެ.
ގަވާއިދަ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފުލުހުން ވަނީ ބުރާސްފަތި ދުވަހު ފަށާފަ އެވެ.
ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯ ކުރަން ފަށާފައިވަނީ، ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު، އަމީރު އަޙްމަދު މަގު އަދި ސޯސަން މަގުގެ އިތުރުން، އައިޖީއެމްއެޗް އަދި ވިލިގިލި ފެރީޓާމިނަލް ސަރަހައްދުން ކަމަށެވެ.
ފުލުހުން ބުނީ، މި މަސައްކަތުގެ ދަށުން ޓޯ ކުރަމުންދާ އުޅަނދުތަކަކީ، ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތައް ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ކަމަށެވެ.
މި މަސައްކަތުގެ ދަށުން ފުލުހުން ބުނީ، މިހާތަނަށް 150 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އަދި އެއީ މުޅިންވެސް ސައިކަލުކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ، ޓޯކުރާ އުޅަނދުތައް އަނބުރާ ގެންދިއުމަށް ވެރިފަރާތަށް 7 ދުވަހުގެ މުއްދަތެއް ދީ އެކަން އިޢުލާންކުރާ ކަމަށެވެ. އަދި ދެމަސް ދުވަސްފަހުން އެ އުޅަނދުތައް ނުގެންގޮސްފިނަމަ، ރަޖިސްޓްރީ ބާޠިލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށައަޅުއްވާ ކަމަށެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް