މިނިސްޓަރު އާދަމް ޝަރީފްގެ އިލްތިމާސްއެއް؛ ކޮރަޕްޝަން ވަގުތުން އޭސީސީއަށް ރިޕޯޓްކުރޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީގެ މުވައްޒަފުންނަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފި އެވެ.

މިނިސްޓަރު މި އިލްތިމާސް ކުރެއްވީ މިއަދު ހެނދުނު މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ މިނިސްޓްރީގެ އެންމެހައި މުވައްޒަފުންގެ ޒިންމާއެއް ކަމުގަ އެވެ. އަދި ކޮރަޕްޝަނާއި ފަސާދައާ ގުޅުންހުރި އެއްވެސް ކަމެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ، ވަގުތުން މިނިސްޓަރަށް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރެއްވި އެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީގެ މުވައްޒަފުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިފަހުން ފެންމަތިވި ކޮރަޕްޝަންގެ މައްސަލަތާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ ހަރުދަނާ ނިންމެވުންތަކެއް ނިންމަވާފަ އެވެ. އެގޮތުން ހައުސިން ޑިވެލޮޮޕްމެންޓް ކޯޕަރޭޝަންނާއި ގުޅިގެން ފަންމަތިވި ކޮރަޕްޝަންގެ މައްސަލަތަކުގައި ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުވެސް މަޤާމުން ވަކިކޮށްފަ އެވެ. މި ފަހުން ފެންމަތިވި ކޮރަޕްޝަންގެ ކަންކަމާއި ގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންއަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މަޤާމުތަކަށް މީހުން ޢައްޔަން ކުރައްވަނީ ކޮރަޕްޝަން ހިންގުމަށް ނޫން ކަމަށާއި، ގަވާއިދާ ޚިލާފު ކަމެއް ކުރުމަށްވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މަގާމުތަކަށް މީހުން އައްޔަން ކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

”އެކަމަށް ހުރަސް އެޅޭ ގޮތަށް ކަމެއް ކުރާކަމަށް ޤަބޫލު ކުރެވޭނަމަ އަޅުގަނޑު އެމީހަކު އެތަނުން ދުރުކުރާނަން. ނޫނިއްޔާ އެކަން ހުއްޓުވާނަން،“

މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިނިސްޓްރީއެއް، ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގައި ވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ