މި އަހަރަކީ އަލިފާނުގެ ހާދިސާއާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިގެން އެންމެ ގިނައިން ރިޕޯޓުކުރި އަހަރު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންބުނެފި އެވެ.
މިކަން ހާމަ ކޮށްފައި ވަނީ، އެސްއެސްޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ސީނިއާ ރިސޯސް އޮފިސަރު އާއިޝަތު އިފާ މުހައްމަދު އެވެ.
އިފާ ވިދާޅުވީ، އެއް އަހަރުން އަނެއް އަހަރަށް އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި، އެފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، އެހީ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެންޑީއެމްއޭއިން ދުރާލާ އަބަދުވެސް ތައްޔާރީތައްވާ ކަމަށެވެ.
އެގޮތުން، ފެން ބޮޑުވުމުގެ ސަބަބުން އެ ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާނެ ގޯނި އަބަދުވެސް ހޯދައި، ރައްކާކޮށްފައި ބަހައްޓާ ކަމަށްވެސް އިފާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރަށްރަށުގައި ފެން ބޮޑުވެއްޖެ ހާލަތުގައި ފެން ހިންދުމަށްޓަކައި ފެން ޕަމްޕު ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް އިފާ ވިދާޅުވި އެވެ.
އިފާ ވިދާޅުވީ، ރާއްޖޭގެ ނުވަ ރަށެއްގައި ރެސްޕޮންސް ޓީމްތަކެއް އުފައްދާފައިވާ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ހާދިސާއެއް ހިނގާއިރު، އެތަނަކަށް ސިފައިން ނުވަތަ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ދިޔުމުގެ ކުރިން އެހީ ފޯރުކޮށްދިނުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)