ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މައުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި އިމިގްރޭޝަން އިން ވަނީ ބޮޑު ރެއިޑް އޮޕަރޭޝަން އެއް ކުރިއަށް ގެންގޮސްފަ އެވެ.
މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެންނެވެ. މިކަން ހާމަކޮށްފައިވަނީ ރޭގަ އިމިގްރޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.
އިމިގްރޭޝަންއިން ބުނެފައިވާ ގޮތުގައި މި ރެއިޑް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ކަަމަށެވެ. މި ރެއިޑު އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާ/ފުރާ އުޅަނދުފަހަރު ވެސް ވަނީ ބަލައި ފާސްކޮށްފައިއެވެ. އެގޮތުން އިމިގްރޭޝަން އިން ބުނާ ގޮތުގައި 148 ބިދޭސީއެށް ވަނީ މި ރެއިޑް އޮޕަރޭޝަންގައި ބަލާ ފާސްކޮށްފައެވެ. މި ރެއިޑް އޮޕަރޭޝަން ތެރޭގައި އިމިގްރޭޝަން އިން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 22 ފިރިހެނަކާ 1 އަންހެނަކު އިމިގރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަންނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން އަނަނީ ބަލައި ފާސްކުރަމުންނެވެ.