ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 24 ގަޑިއިރު ތެރޭގައި 1000 އަށްވުރެ ގިނަ އެއާޓްރެފިކް މޫވްމަންޓް ރެކޯޑްކޮށް، އެއާޕޯޓްގެ އޮޕަރޭޝަނަލް ތާރީހުގައި މުހިންމު ކާމިޔާބީއެއް ހޯދައިފި އެވެ.
އެގޮތުން ވީއައިއޭގައި ވަނީ 24 ގަޑިއިރުގެ ތެރޭގައި 234 ރަންވޭ މޫވްމަންޓާއި 766 ސީޕްލޭން މޫވްމަންޓް ކޮށްފަ އެވެ. މިއީ ވީއައިއޭގައި 24 ގަޑިއިރުގެ ތެރޭގައި 1000 އަށްވުރެ ގިނަ އެއާޓްރެފިކް މޫވްމެންޓް ރިކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ. މިކަމުން ރާއްޖެއަށް ވައިގެ އުދުހުންތަކުގައި އޮތް ޑިމާންޑް އިތުރުވަމުންދާ މިންވަރު ހާމަވެ އެވެ.
މި ކާމިޔާބީއަކީ ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުވައިދިނުމުގައި އެއާޕޯޓުން އަދާކުރާ މުހިންމު ދައުރު ވެސް ދައްކުވައިދޭ ކަމެކެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަށްވާއިރު، މިއަހަރު ރާއްޖެއަށް 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ، އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،978،252 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށެވެ. އަދި ދެ މިލިއަން ވަނަ ޓޫރިސްޓު ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީ ހިމަނެ އެވެ.