އިއްޔެގެ ވަގުތެއްގައި ރާއްޖެ ކައިރިން ފެނުނު ސޯމާލިއާގެ 3 މީހުން ރާއްޖެ އައި ގޮތް ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި 3 މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އަދި އެ މީހުން ރާއްޖެ އައި ގޮތް ދެނެގަނެވިފައި ނުވާ ކަމަށާއި، އެކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ޝައްކުކުރެވުނު ޑިންގީއަކީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ”ސްކިފް“ އެއްކަން އެނގުނެވެ.
އެމްއެންޑީއެފްއިން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޑިންގީ ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދާ، އެ މީހުން ވަނީ ފުލުހުންނާ އިއްޔެ ހަވާލުކޮށްފަ އެވެ.