ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އަންނަ ދުވަހާ ދިމާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް އިދިކޮޅުން ޓެރަރިސްޓް ހަމަލާއެއް ރާވަމުންދާކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ނިހާދު މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
ނިހާދު ވިދާޅުވީ މިއީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވާ، ބޭރުން ލިބިދާނެ މަންފާއެއް ނުވަތަ ބޭރުގެ އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރަރިޒަމްގެ ހަމަލާއެއް ކަމަށެވެ.
މިކަމަކީ 8 ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކައިގެން ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަމުން ދިޔަ މީހަކު އިސްވެ ހިންގާ ހަރަކާތެއް. މިކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގްތިސޯދު ފުނޑާލުމުގައި މީގެ ކުރީގައިވެސް މަސައްކަތްކޮށްފައިވާ އެމްޑީޕީ.
ނިހާދު ވިދާޅުވީ ލޭބާ ޔޫނިއަންއާއި އިތުރު ޔޫނިއަންތަކެއް ގުޅިގެން މާލެ ކައިރީގައި އޮތް ކްރޮސްރޯޑަށް އެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މާލެ ކައިރީގައި އެއް ފަޅެއްގެ ތެރޭގައި 3 ރިޒޯޓު ހިންގާ ރިޒޯޓަކަށް އެރުމަށްޓަކައި ރާވާފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރު.
އެ ރިޒޯޓު ފުލްވެފައި އޮތުމުން އެ މީހުންނަށް އެރަށަށް ނޭރޭނެކަމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެ މީހުންވަނީ ލިޔުމުން ރިޒޯޓަށް ލިޔުމުން އިންޒާރު ދީފައިކަމަށް ނިހާދު ވިދާޅުވި އެވެ. އެގޮތުން އެ ބައްދަލުވުން އެ ރިޒޯޓުގައި ބޭއްވުމަށް ’އަޑުގަދަކުރާ‘ އާއެކު ދޯނި ފަހަރުތަކުގައި އެރަށަށް އަރާނެކަމަށް ބުނެ އިންޒާރު ދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ނިމިދިޔަ ސަރުކާރުން ކުރި ވައްކަން ހޯދަން ސަރުކާރުން އުޅޭތީ ކުރަމުންދާކަމެއްގެ ގޮތުގައި ނިހާދު ވަނީ ސިފަ ކުރައްވާފަ އެވެ.