ކޮރަޕްޝަންގެ ތުހުމަތެއް ސަރުކާރުން އޭނައަށް ނުކުރާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މުއާޒް މިހެން ވިދާޅުވީ އޭނާ އިސްތިއުފާ ދިނީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންކަމަށް ބުނެ މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އެ ޕޯސްޓުގައި ވަނީ މުއާޒް ގާނޫނާ ހިލާފު ޕްރޮކިއުމެންޓާއި މާލީ ކަންކަން އޮޅުވާލުމާއި އާއިލީ އަދި ގާތް މީހުންނަށް ވަޒީފާ ދިންކަމަށް ބުނެފަ އެވެ.
މުއާޒް ވިދާޅުވީ އެއީ ކަނޑައެޅުގެން ދޮގެއް ކަމަށާއި އެފަދަ ތުހުމަތެއް ސަރުކާރުން ނުކުރާ ކަމަށެވެ.
މީ ކަނޑައެޅިގެން ދޮގު. މީގެ އެއްވެސް ތުހުމަތެއް ސަރުކާރުން ނުކުރޭ. ހަގީގަތް އޮޅުވާލަން ނޫޅޭ! ލައްކަ ވާހަކަ އެބަހުރި ދައްކަން ޖެހިއްޖިއްޔާ ދައްކަން.
މުއާޒް އިސްތިއުފާ ދެއްވީ ފެނަކައަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ފެނަކައިގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ އާއި ފެނަކައިގެ އެމްޑީގެ މަގާމުގައި އޭނާ ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭ އަލިމަގެއް ފެންނަން ނެތުމުންކަމަށް އިސްތުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.
މުއާޒް ވަނީ ފެނަކައަށާއި ރައީސް މުއިއްޒުގެ ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދިފަ އެވެ.
މުއާޒް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ވަނީ ފެނަކައިގެ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު