ފުވައްމުލަކު ސިޓީގެ ހުޅަނގު އުތުރުން 10 މޭލު ހިސާބުން ސޯމާލިއާގެ މީހުން ކަމަށް ބެލެވޭ 3 މީހުން އަތުލައިގެންފި އެވ.ެ
އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ޝައްކުކުރެވުނު ޑިންގީއަކީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ”ސްކިފް“ އެއްކަން އެނގުނެވެ. މި އުޅަނދުގައި ތިބީ ސޯމާލިއާގެ މީހުން ކަމަށް ޝައްކުކުރެވޭ 3 މީހުންނެވެ.
އެމްއެންޑީއެފްއިން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޑިންގީ ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދާފަ އެވެ. އަދި މިހާރު ދަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މައްސަލަ އެ އިދާރާއިން ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.