ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ބައްސާމްގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
- ހިިޔާނާތްތެރިވުމުގެ ދައުވާކުރާ ސަބަބު: ބައްސާމު، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާތީ.
- މަނީ ލޯންޑްރިންގެ ދައުވާކުރާ ސަބަބު: ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ އެޕަރޓްމަންޓް ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ 25,000,000 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީއާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ދައްކާފައިވާތީ.
މިދައުވާގައި ޕީޖީން ވަނީ ބަދަލުގެ ގޮތުގައި ޖުމްލަ 1.2 މިލިއަން އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް އެދިފަ އެވެ. އަދި ބައްސާމް ބޭނުންކުރަމުންދިޔަ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި 21 ޖަނަވަރީ 2024 ވަނަ ދުވަހުވެސް ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.