ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސް 2024 ގެ ދެ މުހިންމު އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަށް ލިބިއްޖެ އެވެ.
މި އެވޯޑަކީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް އެވޯޑެވެ.
މި މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުނު ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސް ދިނުމުގެ ހަފުލާގައި އެމްޕީއެލްއަށް ލިބުނީ ”އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް“ އެވޯޑާއި ”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން“ އެވޯޑެވެ. ”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން“ އެވޯޑަކީ އެމް.ޕީ.އެލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުންފުންޏަށް ލިބިފައިވާ އެވޯޑެކެވެ.
މި އެވޯޑްތައް ލިބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ޤައުމަކަށް ނިސްބަތްވާ ކުންފުނިތަކާ ވާދަކޮށްގެންނެވެ. މި އެވޯޑްތަކަކީ ދެކުނު އޭޝިއާގެ ވާދަވެރި ވިޔަފާރީގެ މާކެޓުގައި ކުންފުނިތަކުން ވިޔަފާރި ފުޅާކުރުމާއި، ތަރައްޤީކުރުމާއި ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލްއަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓް ކުރުމަށްފަހު ދޭ އެވޯޑްތަކެކެވެ.
އެމްޕީއެލްއަށް ”އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް“ އެވޯޑް ލިބުނީ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުތައް ދިނުމަށް ކުރަމުންދާ ތަފާތު ގިނަގުނަ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. މީގެތެރޭގައި ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ކޯސްތަކާއި ތަމްރީނުތައް ހިންގުމާއި އެޕްރެންޓިސް އަދި އިންޓާރންޝިޕް ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ.
”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން“ އެވޯޑް އެމް.ޕީ.އެލްއަށް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި އާމްދަނީ އިތުރުކުރުމަށް ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި މުޅިން އާ ދާއިރާއެއްގެ ގޮތުގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފެށުމާއި އުތުރު މެރިޓައިމް ސަރވިސަސް (ޔޫ.އެމް.އެސް) ގެ ޚިދުމަތް ތަޢާރަފްކުރުން ހިމެނެ އެވެ.
މީގެ އިތުރުން، އެމް.ޕީ.އެލްއިން މިއަހަރުގެ ކުރީކޮޅު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އެއް ބާއްވާފައިވެއެވެ. މިއީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ކޮންފަރީ ކޮންފަރެންސްއެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. އަދި ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާ ގުޅިގެން އެމްޕީއެލްއިން ވަނީ މޮޑާރން ޕޯޓް މެނޭޖްމަންޓް ކޯހެއްވެސް މި އަހަރުގެ ތެރޭގައި ފަށާފަ އެވެ.
މި އެވޯޑްތައް ލިބުމަކީ އެމްޕީއެލްއިން ވިޔަފާރި ފުޅާކޮށް، އާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ބެލެވެ އެވެ. މި އެވޯޑްތަކުން ހާމަވަނީ އެމް.ޕީ.އެލްއަކީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ވިޔަފާރީގެ ރޮނގުން އިސްސަފުގައި ހިމެނޭ ކުންފުންޏެއްކަމެވެ.
ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސްގައި ތަފާތު 17 ދާއިރާއަކުން އެންމެ ކުރިއަރަމުން އަންނަ ފަރާތްތަށް ފާހަގަކޮށް އެވޯޑްތައް ދީފައިވެ އެވެ. އެމްޕީއެލްއަށް ލިބުނު ”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން“ އެވޯޑަކީ މި އެވޯޑްސްގެ ”ސްޕެޝަލް ކެޓަގަރީ“ ގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.
މި އެވޯޑްތައް ލިބުމަކީ އެމްޕީއެލްގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ ވިޔަފާރި ދާއިރާގެ ކުރިއެރުމަށް ލިބުނު ފަޚުރުވެރި ވަގުތެއްވެސްމެ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)