ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ސިޓީފުޅެއް ލިބިވަޑައިގެންފާ ނުވާކަމަށާއި އެފަދަ ސިޓީއެއް ލިބުނުނަމަ ބެއްލެވީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ޒުހޫރުގެ ފަރާތުން ލިބިވަޑައިގެންފާ ނުވާ ކަމަށާއި ސިޓީއެއް ލިބުނުނަމަ އެއަށް އަމަލު ކުރައްވާނެކަމަށެވެ.
އަޅުގަނޑުވެސް ތިވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބެ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް. ނުލިބެ. އަޅުގަނޑަށް ލިބުނުނަމަ އަޅުގަނޑު ގައިމުވެސް އެއަށް އަމަލު ކުރާނެ. ނޫނިއްޔާ ބަލާނަން.
ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހުއްޓުވުމުގައި އަދި ގަވައިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވުމުގައި ފަހަތަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށެވެ.
އެމަނިކުފަނު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަންއާއި ފަސާދައާއި ނުގަވައިދުން ހިނގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރަކަށްވުންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަކީވެސް އެއީކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެޗްޑީސީގެ ތެރެއިން އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިންގަވަމުންގެންދެވި ކޮރަޕްޝަންގެ ކަންތައްތައް ރައީސްގެ ސަމާލުކަމަށް ގެންނަވައި ޒަހޫރު ސިޓީއެއް ފޮނުއްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ. 7 ސަފުހާގެ ދިގު އެ ސިޓީގައި ޒުހޫރު ގިނަ ކަންކަމެއް ފާހަގަކުރައްވާފައިވެ އެވެ. މި ސިޓީގައި އޭނާ ވަނީ ކުންފުނީގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ އެތައް ޙާދިސާއެއްގެ ވާހަކަ ދައްކާފަ އެވެ. ޒުހޫރުގެ ތުހުމަތުގައި ބުނެފައިވަނީ އެޗްޑީސީގައި ކަންތައްތައް ކޮށްދެނީ ހަމައެކަނި ރިޝްވަތު ދޭން ތައްޔާރަށް ތިބޭ މީހުންނަށް ކަމަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޗްޑީސީ ހިޔާނަތް