ދެ ކިލޯގެ ޑްރަގްއާ އެކު އަތުލައިގަތް މީހަކު އިއުތިރާފު އެއްބަސްވުން ހެދުމުން 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
މިމައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ މުހައްމަދު ހަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.
މީނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2 މޭ 2024 ގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން މީނާ ހައްޔަރުކޮށް މީނާ އުޅޭ ކޮޓަރި ބަލައިފާސްކުރިއިރު އެ ތަނުން ކިލޯއަކަށް ވުރެ ގިނަ ޑައިމޯފިން އަދި 1.7 ކިލޯގެ ކެނަބިސް ފެނިފައިވާތީ އެވެ. މި މައްސަލައިގައި ފުލުހުން 9400 އަށްވުރެ ގިނަ ރުފިޔާ ހޯދާފައްވެ އެވެ. ދައުވާގައި ދައުލަތުން އެދިފައިވަނީ އެފައިސާ ދައުލަތަށް ނަގައިދިނުމަށެވެ.
މިމައްސަލައިގައި ދައުލަތުން މީނާއާއި އެކު އިއުތިރާފު އެއްބަސްވުން ހެދުމުން މީނާވަނީ ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އިއުތިރާފު އެއްބަސްވުން ހަދާފައިވަނީ ކޮންމެ ދައުވާއަކަށް 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށާއި 50،000 ރުފިޔާއިން ޖުރިމަނާ ކުރުމަށެވެ. މިއިން ކޮންމެ ދައުވާއެއްގެ އަސްލު އަދަބަކީ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމެވެ.
މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އިއްުތިރާފް އެއްބަސްވުމުގައިވާގޮތަށް 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމަށެވެ. އަދި މި މައްސަލައިގައި އަތުލައިގަތް 9485 ރުފިޔާ ދައުލަތަށް ނުނެގުމަށްވެސް ނިންމާފައިވެ އެވެ.