އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމު ރ. މީދޫ އަދި ހުޅުދުއްފާރުގައި ފަށައިފި އެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރ. މީދޫ އަދި ހުޅުދުއްފާރުގައި މި ޕްރޮގްރާމު ފެށިފައިވާއިރު، މީގެ ކުރިން ރ. އިނގުރައިދޫ، ކިނޮޅަސް އަދި ފައިނުގެ ހުރިހާ ގޭބީސީތަކަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މި ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ފެށިފަ އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކަށް ވުޒާރާގެ ނަންބަރު 1433 އަށް ގުޅުއްވައިގެން އެހީތެރިކަމަށް އެދެވޭނެ އެވެ.
”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް