ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަޢުރޫފް ޖަމީލު އައްޔަންކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
މަޢުރޫފް ޖަމީލަކީ ހުޅުމާލޭގެ ތަރައްޤީއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިގެން ވެސް ހުޅުމާލެއާ ގުޅުންހުރި އެ މަސައްކަތްތަކުގައި މަޢުރޫފް މަސައްކަތް ކުރައްވާފައިވެ އެވެ. އޭނާއަކީ އާކިޓެކްޗަރގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ހިރި ގަލުގެ އާކިޓެކްޗަރ ފަދަ ދިވެހިރާއްޖޭގެ އާކިޓެކްޗަރަލް ތަރިކައިގެ ދިރާސާތަކުގައި އަހަރުތަކެއް ހޭދަކޮށްފައިވާ ނަންމަޝްހޫރު ތަޖުރިބާކާރެކެވެ.
މަޢުރޫފަކީ ދިވެހިރާއްޖޭގެ އާކިޓެކްޓެއް އަދި މުސްތަޤިއްލު ދިރާސާކުރާ ފަރާތެކެވެ. މައުރޫފް ވަނީ ދިވެހިރާއްޖޭގެ ހެރިޓޭޖް ޑިޕާޓްމަންޓުގެ ހިރިގަލު މިސްކިތް މަޝްރޫޢުގެ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ މަސައްކަތްވެސް އޭނާ ކުރައްވާފައިވެ އެވެ.
މަޢުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ފަޒުލްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ފަޒުލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އިސްތިއުފާ ދޭން ނިންމާފައިވަނީ ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި އެޗްޑީސީއާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ސިޓީގައި ފަޒުލް ވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ.
ފަޒުލްގެ އިތުރުން އެޗްޑީސީގެ ގިނަ މުވައްޒިފުންތަކަކާއި، ހައުސިން މިނިސްޓްރީގެ ގިނަ މުވައްޒިފުންތަކެއްވެސް ވަނީ އެ މައްސަލާގައި ސަސްޕެންޑްކޮށްފަ އެވެ.