އިސްރާއީލު ސިފައިން ޣައްޒާގެ ދެ ހޮސްޕިޓަލަކާއި ސްކޫލަކަށް ހަމަލާދީ 8 މީހަކު މަރާލައިފި އެވެ.
މި ހަމަލާތައް ދީފައިވަނީ އުތުރު ޣައްޒާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލަށާއި އުތުރު ޣައްޒާ ސިޓީގެ އިތުރު ސްކޫލަކަށެވެ.
އިސްރާއީލުގެ ސިފައިން ވަށާލާފައިވާ އުތުރު ޣައްޒާގައި ހުންނަ ކިރިޔާ ވެސް މަސައްކަތް ކުރަމުންދާ ކަމާލް އަދުވާން ހޮސްޕިޓަލަށް އިތުރު ހަމަލާތަކެއް އިސްރާއީލްއިން އަނެއްކާވެސް ދީފައިވެ އެވެ. މީގެ އިތުރުން، އިސްރާއީލުގެ ސިފައިން ވަނީ އުތުރު ޣައްޒާ ސިޓީގެ އިތުރު ސްކޫލަކަށް ވެސް ބޮން އަޅައި ފަލަސްތީނުގެ އަށް މީހަކު މަރާލާފަ އެވެ.
މިދިޔަ އަހަރު 7 އޮކްޓޯބަރުގައި އިސްރާއީލާއި ޣައްޒާގެ މެދުގައި ފެށުނު ހަނގުރާމަ ނިމުމަކަށް މިއަދާ ހަމައަށް އައިސްފައި ނުވާއިރު، މި ހަނގުރާމައިގައި އެތައް ހާސް ފަލަސްތީނުން ވަނީ މަރުވެފަ އެވެ. އޮކްޓޯބަރު 7، 2023 އިން ފެށިގެން މަދުވެގެން 45،227 ފަލަސްތީނު މީހުން މަރުވެ 107،573 މީހުން ޒަޚަމްވެފައިވެ އެވެ.
މި ހަނގުރާމަ ފެށުނު ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެއެވެ.