ބިޑު އުސޫލާ ހިލާފަށް ހުޅުމާލޭން ބިން ވިއްކި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.
އެޗްޑީސީން ރޭ ނެރެނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭން ބިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާނުކުރުމާ އެކު، ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން، ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުންކަންވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ، އެއަށްފަހު އީއޯއައި ހުށަހެޅި ފަރާތްތަކަށް ބިޑު ކުރުމަށް ހުޅުވާލެވޭ ކަމަށާއި، ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑު ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި ބޭސް ރޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުން އެންޑޯޒްކޮށްފައިވާ ރޭޓުތަކެއް ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީގެ ނޫސްބަޔާނުގައި އެޗްޑީސީން ވިއްކި ތިން ބިމުގެ ތަފްސީލު އެނގޭ ގޮތަށް ހިމަނާފައިވެ އެވެ.