އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އަކްރަމް ކަމާލުއްދީންއާ އިތުރު ވެރިންތަކެއްގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި އެވެ.
މި ބޭފުޅުންގެ ޕާސްޕޯޓްވެސްް ހިފަހައްޓާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެން ނުޖެހޭ ބަޔަކަށް އަސްލު ނޫން ލިޔުންތަކެއް ދޫކޮށް، އެ ލިޔުންތައް ބޭނުންކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރެއިން ގޯތިތަކުގެ އިން ކަނޑާ ހޯދި މައްސަލާގަ އެވެ.
އަކްރަމްގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު އާރިފްއާ، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދުއާ، ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ އެވެ.
މި ބޭފުޅުންގެ ޕާސްޕޯޓް ހިފެއްޓިކަން އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތަކުގައިވާގޮތުން މި ބޭފުޅުން ޕާސސްޕޯޓް ހިފެހެއްޓީ އޭސީސީގެ ތަހުޤީޤްގެ ބޭނުމަށެވެ.
ގޯތި ހިޔާނާތުގެ މައްސަލާގައި އަކްރަމްގެ މައްޗަށް ތުހުމަތުވާކަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވެ އެވެ. އެގޮތުން ފުލުހުން ބުނި ގޮތުގައި އެ ވަގުތާއި ހަމައަށް ބަޔާން ނެގި މީހުން ވަނީ އެ މީހުންނަށް ލިޔުންދިނީ އަކްރަމްކަމަށްް ތުހުމަތުވާ މޭރުމުން ފުލުހުންނަށް މައުލޫމާތުދީފަ އެވެ. އެގޮތުން ފަޒުލްގެ ބޭބެ، ފަޒީލްވެސް އަކްރަމްއާ ބައްދަލުވިކަމަށް ތަހުޤީޤްގައި މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތުހުމަތުވާ އެޗްޑީސީއާ ހައުސިން މިނިސްޓްރީގެ މިހާރުގެ ގިނަވެރިންތަކެއް މިހާރުވެސް ތިބީ ސަސްޕެންޝަންގަ އެވެ. އޭގެތެރޭގައި އެޗްޑީސީގެ ޗެއަރމަން ފިިޔަވާ ބޯޑުގެ ހުރިހާ މެމްބަރުންވެސް ހިމެނެ އެވެ. އަދި އެ ބޭފުޅުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ.
އެޗްޑީސީ އިން ގޯތި ދިނުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާކަން ހާމަވީ، ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކެއްގގަ އެވެ. މި ލިޔުންތަކުން ދައްކާގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ.
މި މައްސަލައިގައި، އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. މި ސިޓީގައި އެދިފައިވަނީ ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރުމަށެވެ.
ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވެ އެވެ. މި ދެ ފަރާތުގެ ތެރެއިން އެކަކީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލްކަން ވެސް ސިޓީން އެނގެ އެވެ.
މި މައްސަލައާ ގުޅިގެން، 15 އޮގަސްޓްގައި ހައުސިންގ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ. އެހެންނަމަވެސް، މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ”ފޯޖް“ ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ މިއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށެވެ.
އޭގެއިތުރުންވެސް އެޗްޑީީއާ ގުޅުންހުރި ބޮޑެތި ހިޔާނަތްތަކެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ފެންމަތިކުރަމުންނެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް