އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުނު މީހާގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު ވ. ފިޔަބަރި، ހަސަން އިސާމު (30އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ހަސަން އިސާމު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރުއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުން އަންހެނެއްގެ އަތުން ފޭރެން އުޅުނީ އެހެން ސައިކަލެއްގައި އައި ފިރިހެނެކެވެ. އެ ފިރެހެން މީހާ މަސައްކަތްކުރީ އަންހެން މީހާ ދުއްވަމުން ދިޔަ ސައިކަލާ އަރައިހަމަކުރުމަށް ފަހު އެ މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތުމަށެވެ.