ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ފުވައްމުލަށް ސިޓީއިން ފެށިގެން އައްޑޫ ސިޓީއައް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން މަޢުލޫމާތު ދިންގޮތުގައި މި ސަރަޙައްދަށް ރީނދޫ ސަމާލުކަން ނެރެފައިވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާ ހަމައަށެވެ. މި މުއްދަތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
މީގެ އިތުރުން، މިދިޔަ ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ކުރިން ވަނީ އިންޒާރު ދީފަ އެވެ. މި ދުވަސްވަރު ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.