އޭނާގެ ދަރިފުޅު އިސްމާއިލް ހާތިމް ވަޖީހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ބިމެއް ގަތް ކަމަށް ބުނެ ދައްކަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ
ދާދި ފަހުން، މީސް މީޑިއާގައި ވަޖީހުގެ ދަރިފުޅު އިސްމާއިލް ހާތިމް ވަޖީހު، އެޗްޑީސީން ބިމެއް ގަނެފައިވާ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވެ އެވެ. މި ވާހަކަތަކާ ގުޅިގެން ވަޖީހު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެ ޕޯސްޓުގައި ވަޖީހު ވިދާޅުވެފައިވަނީ، ”އޭނާގެ ދަރިފުޅު ހާތިމް އެޗްޑީސީން ބިމެއް ގަނެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް“ ކަމަށެވެ. އަދި އެފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ފަރާތަކާ އެކު ހަދާފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވަޖީހު އިތުރަށް ވިދާޅުވެފައިވަނީ، ”ކަންތައްތަކުގެ ހަގީގަތް ނުބަލައި، މީހުންގެ އަބުރު ނަގާލުމަށް މަސައްކަތް ކުރަމުން ދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް“ ކަމަށެވެ. އަދި މިފަދަ އަސްލެއް ނެތް ވާހަކަތައް ފެތުރުމުން ކޮންމެވެސް އެއްބަޔަކު އެވާހަކަ ގަބޫލު ކޮށް، އިތުރަށް ފަތުރައި އާއިލާތަކުގެ އަބުރު ނަގާލުމަށް މަސައްކަތް ކުރަމުން ގެންދާތީ މި ވާހަކަ ދަންނަވާލި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.