ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ފިޔަވަޅު އެޅުއްވުމަށް ކެރިވަޑައިގަތް ހަމައެކަނި ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް މުއިއްޒު ލިޔުއްވި މެސެޖަކާ ގުޅުވައި ކުރެއްވި ޕޯސްޓެކެވެ.
”ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަކީ މީގެކުރިން އެއްވެސް ރައީސްއަކު ވެރިކަމުގައި ހުންނަވައިގެން ކުރައްވަން ކެރިވަޑައިގެންނެވި ކަންކަމެއް ނޫން,“ މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮރަޕްޝަނާއި ވައްކަމާ ދވައްކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށާއި، އަދި އެމަނިކުފާނުގެ ވާހަކަފުޅާއި އަމަލުފުޅު ދިމާވާ ކަމަށްވެސް މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވިއެވެ.
”ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާކަށް އެއްވެސް ފަރާތަކަށް އެމަނިކުފާނު ކުޑަވެސް ޖާގައެއް ނުދެއްވާނެކަން މިއަދުވެސް ސާބިތުކޮށްދެއްވައިފި,“ މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ.
ރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ، ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ”ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ“ ކަމަށެވެ. މީގެ އިތުރުން، އެއްވެސް ބޭފުޅަކު ގަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
މި އިންޒާރު އައިސްފައިވަނީ ގޯތިތަކުގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ ސަސްޕެންޑްކުރެވިފަ އެވެ. އަދި އެންމެ ފަހުން ޗެއަރމަންކަމަށް ޢައްޔަންކުރެވުނު އަޙްމަދު ނާޞިފް (ޑީޑީ) ފިޔަވައި އެޗްޑީސީ ބޯޑުގެ އެހެން ހުރިހާ މެންބަރުންވެސް ވަނީ އިއްޔެ ސަސްޕެންޑް ކުރެވިފަ އެވެ.
މި މައްސަލާގައި ފަޒުލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފަޒުލްގެ އެއްބަނޑު ބޭބެއަށް ހުޅުމާލެއިން ގޯޗެއް އުސޫލުތަކާއި ހިލާފަށް ދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުޤީޤެއް އިދާރާތަކުން ވަނީ ފަށައިފަ އެވެ. އެގޮތުން އެ ގޯތި ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމާއި ގުޅުންހުރި ލިޔުންތަކެއް ފޯޒްކޮށްގެންކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިންވެރިޔާ ސްކީމް އެޗްޑީސީ ހިޔާނަތް މިނިސްޓަރު އަހްމަދު ޝިޔާމް