ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީއިން ގޯތިދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށް ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.
ބިންވެރިޔާ ސްކީމްގެދަށުން ބިން ލިބިފައި ނުވަނީސް, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ, އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު, މުޙައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިން ދީފައިވާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ.
މީކާއީލް ސާފުކުރަން އެދިވަޑައިގަތީ، ގަވާއިދާ ޚިލާފަށް ގޯތިދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދައިދިއުމުގެ ހާދިސާގައި ނެތިގޮސްފައިވޭތޯ އެވެ. އެގޮތުން، ހައުސިން މިނިސްޓްރީގެ އިތުރުން ދެ މިނިސްޓްރީއެއް ހިންގަމުންދިޔަ ގްރީން ބިލްޑިންގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރޯވެ، މުޅި އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
އެހެން ނަމަވެސް، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުގެއްލޭކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މީގެ ކުރިންވަނީ ވިދާޅުވެފަ އެވެ. އަދި ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ފުލުހުންވެސް ވަނީ އެކަން ހާމަކޮށްފަ އެވެ.
ހައުސިން މިނިސްޓްރީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބިންވެރިޔާ ސްކީމް އެޗްޑީސީ ހިޔާނަތް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު