ސައިކަލެއްގައި ދިޔަ އަންހެނެއްގެ ދަބަސް ފޭރިގަންނަން އުޅު މީހަކު ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ދައްކާ ގޮތުން، ސައިކަލެއްގައި ދިޔަ އަންހެނެއްގެ ފަހަތުން އައި ސައިކަލެއްގައި އިން ފިރިހެނަކު، އަންހެން މީހާގެ ދަބަސް ފޭރިގަންނަން މަސައްކަތްކުރި މަންޒަރު ފެނެ އެވެ. ނަމަވެސް އަންހެން މީހާގެ ދަބަސް ރަނގަޅަށް ކޮނޑުގައި އަޅުވާފައި އޮތުމުން، އެ ދަބަސް ފޭރިގަނެވިފައެއް ނުވެ އެވެ.
ވީޑިއޯގައި ދައްކާ ގޮތުން، އަންހެން މީހާ މަގުމައްޗަށް ސައިކަލު މަޑުކުރުމުން، ފިރިހެން މީހާވެސް މަގުމައްޗަށް ސައިކަލު މަޑުކޮށް، އަންހެން މީހާގެ ދަބަސް ޖަހައިގަތުމަށް އަނެއްކާވެސް މަސައްކަތްކުރި އެވެ. ނަމަވެސް އަންހެން މީހާ ދަބަސް ނުދޭން ކުރި ހިތްވަރާއެކު، ފިރިހެން މީހާއަށް އެ ދަބަސް ނުލިބުމުން، ވަގުތުން ސައިކަލުގައި އެތަނުން ފިލައިގެން ދިޔަ މަންޒަރު ފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ތަހުޤީޤަށް އޭނާ ދުއްވި ސައިކަލުވެސް ހިފަހައްޓާފައިވާ ކަމަށެވެ.