މާލޭގެ ކާރޫބާރު ބޮޑު ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރާނޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު، އަމީރު އަހުމަދު މަގު އަދި ސޯސަން މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވުކުރާނެ އެވެ.
މި ފިޔަވަޅު އަޅަން ޖެހުނީ މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، ޓްރެފިކް ޖެމްވުމުގެ މައްސަލަ ބޮޑުވަމުން އައުމާ ގުޅިގެންނެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރަށް ދަތިވަމުންދާކަން ފާހަގަކުރެވިފައިވެ އެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ޕާކްކުރުމަކީ މަނާކަމެކެވެ. އެގޮތުން މަޖީދީ މަގާއި، އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގުގައި ޕާކްކުރުން މަނާ ނަމަވެސް، ގިނަ އަދަދެއްގެ ހަތަރުފޮޅުލީ އުޅަނދުތައް ޕާކުރުމުން މަގުތައް ވަރަށް ބޮޑަށް ޓްރެފިކްވެ އެވެ.