ބިންވެރިޔާ ސްކީމްގެ ވަގު ލިޔެކިޔުންތަކުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހާރު އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން މިހާތަނަށް އެދިފައި ނުވާނެ ކަމަށާއި ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ކުރާނެ ކަމަށެވެ.
މީގެ އިތުރުން މިއީ ތަހުގީގު ކުރީކޮޅުކަމުން މި މައްސަލައިގައި ބައިވެރިވެފައިވަނީ ކޮންބައެއްކަން އަދި ބުނަން އަވަސް ކަމަށާއި ތަހުގީގު ކުރިއަށް ދާ ވަރަކަށް މި މައުލޫމާތުތައް ހިއްސާ ކުރާނެކަމަށް ފުލުހުން ބުނެ އެވެ. އަދި ތަހުގީގުގެ މިހާތަނަށް އެޗްޑީސީން ހެކި ނައްތާލުމުގެ އެއްވެސް އަމަލެއް ހިންގާފައިވާކަން އެނގެން ނެތްކަމަށްވެސް ފުލުހުން ބުނެ އެވެ.
އެޗްޑީސީން ހެކި ނައްތާލުމުގެ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވިފައެއް ނެތް. އަޅުގަނޑުމެން މިހާ ހިސާބަށް ބޭނުންވި ހުރިހާ މައުލޫމާތެއް ވަނީ ލިބިފަ.
އެޗްޑީސީއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގުގައި މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށް އެޗްޑީސީގެ އިތުރުން ހައުސިން މިނިސްޓްރީން ވެސް އެކި ލިޔެކިޔުންތައް ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި މިތަކެތީގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.
ހައުސިން މިނިސްޓްރީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދިވެހި ފުލުހުންގެ ޚިދުމަތް