މިފަހުން އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް ވަނީ 8،934 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,941,195 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 8.8 އިންސައްތަ އިތުރުވުމެކެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 1,784,499 ގަ އެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ޖުމްލަގޮތެއްގައި މިހާރު ރާއްޖޭގައި 7.7 ދުވަހު މަޑުކުރެ އެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ތެރެގައި ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނޭކަމަށް ލަފާކޮށްފައެވެ.