ރައްޔިތުން އެކިކަންކަމަށް ހޭކުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މާލެއިން ރަށްރަށަށް ފުރާމީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެއް މާލެ ޕޮލިހުން ހިންގައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގައި ބުނެފައި ވަނީ މި ޕްރޮގުރާމަކީ ޑިސެންބަަރު 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ ކުރިއަށް އޮތް ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު މާލެއިން ފުރައިގެން ތަންތަނަށް ދާނެކަމަށް ބެލެވޭތީ، އެފަރާތްތަކާ ބައްދަލުކޮށް ފުރައިގެން ދިޔުމުގެ ކުރިން ގޯތި ގެދޮރަށާއި އަގުބޮޑު މުދަލަށް ރައްކާތެރިވާނެ ގޮތްތައް ކިޔައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ، މި މިޕްރޮގްރާމުގެ ތެރެއިން މިއަދު މާލޭގެ އެއް ނަންބަރު ޖެޓީ ސަަރަހައްދުގައި ފުރަން ގޮސްތިބި މީހުންނާ ބައްދަލުކޮށް މައުލޫމާދީފައިވާ ކަމަށެވެ.
އެގޮތުން، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް އިިރުޝާދު ދީފައިވެ އެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވެ އެވެ.
މީގެއިތުރުން، ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ފުރުމުގެ ކުރިން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކޮށްފައި ބެހެއްޓުމަށް އިރުޝާދު ދީފައިވެ އެވެ. އަދި ސައިކަލުގެ ހުންގާނާއި ޝަޓަރ ވެސް ލޮކްކޮށް ތަޅުދަނޑި ޖަހާފައި ނުބަހައްޓާ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރުމަށްވެސް ހަނދާން ކޮށްދީފައިވެ އެވެ.
މި ޕްރޮގްރާމުގެ ތެރެއިން މާލޭގައި މީހުން ފުރަންދާ ތަންތަނަށް ފުލުހުން ގޮސް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.