ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ޢައްޔަންކުރެއްވި ހައި ކޮމިޝަނަރު ޑރ. އިރުތިޝާމް އާދަމް، މިއަދު ބަކިންގްހަމް ޕެލަސްގައި އެކަމަނާގެ މަގާމުގެ ފަތްކޮށްޅު ކިންގް ޗާލްސް ތިނަކަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތުގައި، ކިންގް ޗާލްސް ވަނީ ހައި ކޮމިޝަނަރުގެ މަގާމަށް އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން މަރުޙަބާ ދަންނަވައި، ދިވެހިރާއްޖެއާއެކު އޮތް ދުވަސްވީ އަދި ރައްޓެހި ގުޅުމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ ރޫހު ފާޅުކުރައްވާފަ އެވެ. ހައި ކޮމިޝަނަރު ޑރ. އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަލާމާއި ތަހުނިޔާ ކިންގް ޗާލްސްއަށް އަރިސްކުރައްވައި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ދާއިރާތަކުގައި ޔޫކޭއާއެކު ގާތުން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އަޒުމް ކަނޑައަޅުއްވާފައިވާކަން ދަންނަވާފަ އެވެ.
މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ފަހުން، ސެންޓް ޖޭމްސް ކޯޓް ލަންޑަން – އަ ތާޖް ހޮޓެލްގައި ޚާއްޞަ ޙަފުލާއެއް ބޭއްވުނެވެ. މި ޙަފުލާގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ސާކު އަދި ކޮމަންވެލްތު ޤައުމުތަކުގެ އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން، ޑިޕްލޮމެޓިކް ކޯގެ ޑީން އެމްބެސެޑަރ އިވާން ރޮމެރޯ-މާޓިނެޒް، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ މޯލްޑިވްސް/ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ މަންދޫބުން، ކޮމަންވެލްތު ސެކްރެޓޭރިއެޓުގެ އިސް ބޭފުޅުން، މޯލްޑިވްސް-ޔޫކޭ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕުގެ ޗެއަރުން، ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުން، މީޑިއާ އަދި ދިވެހި ޑަޔަސްޕޯރާ ބައިވެރިވިއެވެ.
ހައި ކޮމިޝަނަރު ޑރ. އިރުތިޝާމް އާދަމްގެ އަރިހުގައި ޑެޕިއުޓީ ހައި ކޮމިޝަނަރު މުޙައްމަދު އަޙްމަދު، ޑިފެންސް އެޓާޗޭ ކާނަލް ޙުސައިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރްޔަމް އާޞިފް އަދި ތާރޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގަތެވެ.
ކޮމަންވެލްތު އިނގިރޭސި ވިލާތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ޑރ. އިރުތިޝާމް އާދަމް