މަޖިލީހުގެ ޗުއްޓީ ނިންމާފައި އަލުން މަސައްކަތަށް ނިކުންނަ އިރު ކޮންމެ މެންބަރަކުވެސް އާ ވިސްނުންތަކާއި އާ ހިޔާލުތަކާއެކު މަޖިލީހަށް ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަދި މިދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ޗުއްޓީ ނިންމާ އެނބުރި މަސައްކަތަށް ވަޑައިގަންނަވާއިރު ހުރިހާ ބޭފުޅުންވެސް އާ ވިސްނުންތަކައި އާ ހިޔާލުތަކާއެކު ތާޒާކަމާއެކު މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވާ އުފެއްދުންތެރި ބިނާކުރަނިވި މަސައްކަތްތަކެއް ކުރައްވާނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ޗުއްޓީގެ ދުވަސްވަރަކީ ތިޔަ ހުރިހާ ލޮބުވެތި މެންބަރުންނަށްވެސް އަމާން ރައްކާތެރި އުފާވެރި ހިތްގައިމު ޗުއްޓީއަކަށް ވެގެން ދިޔުމަށް އަޅުގަނޑު އެދެން.
ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ 3 ދައުރުގެ މައްޗަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް