މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ދަހާ ޝުއައިބް އައްޔަން ކުރަން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މީރާގެ ބޯޑަށް ދަހާ އައްޔަން ކުރަން ވޯޓަށް އަހާފަ އެވެ. މީރާގެ ބޯޑަށް ދަހާ އައްޔަން ކުރަން ފެންނަކަމަށް 69 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ދަހާގެ ނަން ރައީސް ހުށަހެޅުއްވީ މީރާގެ ބޯޑުގެ މެންބަރެއްގެ ދައުރު ހަމަވާތީ އެވެ. މީރާގެ ބޯޑު މެންބަރުންގެ ދައުރަކީ 5 އަހަރެވެ.
މި މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 5 ފަރާތެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓުގެ އެންމެ ކުރީގައިވެސް އޮތީ ދަހާގެ ނަމެވެ. ދެން އެ ލިސްޓުގައި ހިމެނެނީ އަސްރަފީ ހިޔާ، ލ. މާވަށް، އަހްމަދު ފާއިޒް މުހައްމަދު އާއި މާލަމް، ރ. ހުޅުދުއްފާރު، އަބްދުﷲ އިމްރާން އާއި ޝަބްނަމްގެ، ކ. ކާށިދޫ، މަހްޒޫމް ސަލީމް އަދި ރސ 13462، އާމިނަތު އާފިޔާ އެވެ.