ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ. މި ރިޕޯޓް ފާސްކުރުމާއި ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނި 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލު ކުރެއްވުމަށް ޤާނޫނީގޮތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށާއި އެފަދައިން ބަދަލުގެ ގޮތުގައި ދެއްވާފައިވާ ބަދަލެއްވާނަމަ ބަދަލުގެ ގޮތުގައި ދެއްވާފައިވާ އެއްޗެއް އަނބުރާ ދައުލަތަށް ހޯއްދެވުމަށް އެޓާނީ ޖެނެރަލަށާއި ކަމާގުޅުންހުރި އިދާރާތަކަށް ދެއްނެވުމަށެވެ.
ޖިނާއީ ތަހުގީގެއް ހިންގަމުން ކޮމިޓީން ނިންމާ މަޖިލީހުން ފާސްކޮށްފައިވަނީ:
- ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް
- ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
މަޖިލީހުން ފާސްކޮށްފައިވަނީ މި ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެއްވުމަށާއި، ދައުވާ ކުރެވޭވަރަށް ހެކި ލިބިއްޖެނަމަ ދައުވާކޮށްދެއްވަމުން އެދި ޕްރޮސިކިއުޓާ ޖެނެރަލްއަށް ދެންނެވުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިސް އެމްޑީޕީ ފައްޔާޒް އިސްމާއިލް