މިއަދު ހެނދުނު ހައުސިން މިނިސްޓްރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެދޮރުވެރިޔާ ސްކީމްގެ އެއްވެސް ލިޔެކިޔުމަކަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ ހިންގަމުންދާ އިމާރާތުގައި މިއަދު އަލިފާން ރޯވި ނަމަވެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތައް މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކަމަށެވެ.
”މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ“ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، މި ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާކަން ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށާތެރިކަމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު އާންމުންނާ ހިއްސާ ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އަލިފާނުގެ މި ހާދިސާގައި ހައުސިން މިނިސްޓްރީގެ 4 ފަންގިފިލާ ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އަނދާފަ އެވެ. އަދި އިމާރަތްވަނީ ބިމަވެސް ވެއްޓިފަ އެވެ. ދުވަސްވީ މި އިމާރާތް ހަދާފައިވަނީ ލަކުޑި އަދި ޓިނުންނެވެ. އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ މި އިމާރާތުގައި އަލިފާން ރޯވިކަން އެނގުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 އެހާކަންހާއިރު އެވެ. މި ވަގުތު ވެސް މުޅި އިމާރާތުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.