މާލޭގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށްފި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގިކަން އެނގުނީ މިއަދު ހެނދުނު 7:00 ހާއިރު އެވެ.
ދެ ގަޑިއިރުގެ ތެރޭގައި މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އިމާރަތް ވަނީ އެއްކޮށް ވެއްޓި، ބިމަށް ތިރިވެފަ އެވެ. އަލިފާން ބޮޑުވެ، އެ އިމާރާތުގައި ހިންގަމުން އަންނަ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ވެސް އަނދަމުން ދިޔައެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުންދާ ”ގްރީން ބިލްޑިން“ ގައި ވެސް ހުޅުހިފާފައިވެ އެވެ. އެގޮތުން ”ގްރީން ބިލްޑިން“ ގެ މަތީ ހުރީ ފަންގިފިލާއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފަ އެވެ.
އަލިފާން ރޯވި އިމާރާތް ހިމެނޭ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލްގެ ގެދޮރުވެރިކަމާއި ބެހޭ ސެކްޝަންގެ މަސައްކަތްތައްވެސް ކުރަމުންދެ އެވެ. އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައިރު، ސަލާމަތީ ހިދުމަތްތަކުން ދިޔައީ، ފައިލްތަކާއި ލިޔެކިޔުންތައް ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިލްތަކާއި، ލިޔެކިޔުންތައް އަދި ކޮމްޕިއިޓަރުތައްވެސް ބޭރަށް ނެރެ، ރައްކާތެރިކުރުމަށް މަސައްކަތްކޮށްފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުންނަށް އިލްތިމާސްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުނިކުތުމަށާއި، ނުކުންނަން ޖެހިއްޖެނަމަ އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
އިތުރުން، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، އަދި ފެންލައިޓްތައް ދުން ނުވަންނާނެހެން ބަންދުކުރުމަށާއި، ނޭވާ ކުރުވުން، ނުވަތަ ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ސޯޝަލް ސެންޓަރުގައި އިމަރޖެންސީ އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅުމަށް ނުވަތަ އިވެކުއޭޝަން ސެންޓަރަށް އައުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.
ހައުސިން މިނިސްޓްރީ ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން އަލިފާނުގެ ހާދިސާ އެމްއެންޑީއެފް