މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުޅުމާލޭގެ އިރުމަތީ ފަރާތު ކަނޑުގައި ހާއްސަ އަސްކަރީ ތަމްރީނެއް ފަށަން ނިންމައިފިއެވެ.
މި ތަމްރީނު ކުރިއަށްދާނީ މި މަހުގެ 15 އިން 19 އަށް ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ތަމްރީނު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައެވެ. އަދި މި ތަމްރީނުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުން 5،000 މީޓަރު ދުރަށް ކަމަށާއި، ވަޒަން ދަތުރުކުރާނީ 300 މީޓަރުގެ އުސްމިނުގައި ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފުން ދަނީ އެކި ސަރަހައްދުތަކުގައި މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. މި ތަމްރީނަކީވެސް އެފަދަ ތަމްރީނުތަކުގެ ތެރެއިން އެއް ތަމްރީނު ކަމަށް ބެލެވެއެވެ.