ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެއެވެ.
މެ މެންބަރު މުޙައްމަދު ރަޝީދު އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވުމުން އެ އާޢިލާއަށް ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބްރައީސް ވިދާޅުވީ ވަސީމާ މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއިއެކުގައިކަމަށެވެ. އަދި މެންބަރު މުޙައްމަދު ރަޝީދުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ނައިބްރައީސް ވަނީ އެ މަރްޙޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާ ކުރައްވާފަ އެވެ.
ނައިބު ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ އާޢިލާއަށް ތަޢުޒިޔާ ކިޔާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، މަޖިލީހުން ވަނީ މެންބަރުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައި ވެއެވެ.