ފިހާރައަކުން ކޮފީ ޕެކެޓެއް ވަގަށް ނެގި މީހަކު 27 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.
މިމައްސަލައިގައި ދައުލަތުން ސަފްވާން ޒުފްރަތުގެ މައްޗަށް ކޮށްފައިވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގަން އުޅުމުގެ ދައުވާ އެވެ.
މީނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2 ޖުލައި 2023 ވަނަ ދުވަހު އިހުސާން ފިހާރައިން 500 ގްރާމުގެ ނެސްކެފޭ ކްލެސިކް ޕެކެޓެއް ނަގައި މީނާ ލައިގެން ހުރި ޖިންސުގެ ތެރެއަށް ލައިގެން ފިހާރައިން ދިއުމަށް އުޅެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މީނާގެ މައްޗަށް ދައުވާ އިއްވުމުން މީނާވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާ އަޑުއެހުމުގެ ގޮތުގައެވެ.
ޝަރީއަތުގައި ކުށަށް އިއުތިރާފުވުމުން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ މީނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ 27 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.