ނޮވެމްބަރ މަހަށް ލަފާކުރި ވަރަށްވުރެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.2 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މިއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް ވުރެ 19.7 އިިންސައްތަ އިތުރު އަދަދެއް ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީރާއިން ބުނާ ގޮތުގައި އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީއާއި ލީސް ޕީރިއަޑް އިތުރުކުރުމުގެ ފީއާއި ޓޫރިޒަމް ޓެކްސް ނެގުން އިތުރުވުން ހިމެނޭ ގޮތަށް އެއްފަހަރާ ނެގުނު ފީތަކުގެ ސަބަބުން ނެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެއާޕޯޓް ޓެކްސް، ފީ، އަދި ޖީއެސްޓީގެ އާމްދަނީ ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. އެއާޕޯޓް ޓެކްސް އާއި ފީ ނަގާ މިންވަރު އިތުރުވުމުގެ މުހިންމު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޓޫރިސްޓުން އަންނަ މިންވަރު 8.5 އިންސައްތައިން އިތުރުވުމެވެ.
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީން 57.9 އިންސައްތައިގެ އަދަދެވެ. ބިން ހޯދުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 171.62 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ސަބަބުން 93.14 މިލިއަން ރުފިޔާ (4.9 ޕަސެންޓް) މީރާއަށް ލިބިފައިވެ އެވެ.
ޑިޕާޗާ ޓެކްސް އާއި ގްރީން ޓެކްސްގެ ގޮތުގައި 91.45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނޮވެމްބަރު 2024 އަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 88.17 މިލިއަން ޑޮލަރެވެ.