”ފަހި ހަކަތަ ޕޯޓަލް“ މެދުވެރިކޮށް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން ”އެސްޓީއޯ ރޭޓް“ ގައި ތެޔޮ ވިއްކަން ފަށައިފި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ”ފަހި ހަކަތަ“ ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން 10 ޑިސެމްބަރު ވީ އަންގާރަ ދުވަހު ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް، ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން، މި ދެންނެވި ރޭޓުގައި ތެޔޮ ވިއްކަން މިހާރު ވަނީ ފަށާފަ އެވެ.
2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކޮށް، ”އެސްޓީއޯ ރޭޓް“ ގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖައްސުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ވާހަކަވެސް ބުނެފައި ވެއެވެ.