ލޮރެންޒޯ ޕާކް ތެރޭގައި 2012 ވަނަ އަހަރު މަރާލި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި މައްސަލައިގައި ހިމެނޭ ތިން މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށައިފި އެވެ.
ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުން ދިޔަ އަރުހަމް މަރާލި މައްސަލާގައި އޭރު 4 މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އޭގެތެރެއިން ގދ. ގައްދޫ، ގުންޒަރު މުހައްމަދު ސުފްޔާން އަދި މއ. ސީނަރީވިއު، އާތިފް ރަޝީދުގެ އިތުރުން ލ. މާވަށު، އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އޭރު ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ މި ތިން މީހުންގެ މައްސަލަ އަލުން ބަލަންޖެހޭ ކަމަށް ނިންމާފަ އެވެ.
މިމައްސަލައިގައި ދައުލަތުން އޭރު ދައުވާކުރި ލ. މާވަށު، އެވާބްލޫ މުހައްމަދު ވިސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން އޮތީ މަރުގެ ހުކުމް އިއްވާފަ އެވެ.
މިމައްސަލައިގައި މުހައްމަދު ސުފްޔާން، އާތިފް ރަޝީދު އަދި މަންސޫރު ޔޫސުފްގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، އަޑުއެހުމުގައި މިއަދު ބައިވެރިވީ އާތިފް ރަޝީދު އެކަންޏެވެ. ޓެކްނިކަލް މައްސަލައެއް ދިމާވުމުން މަންސޫރު ޔޫސުފްއަށް މިއަދުގެ އަޑުއެހުމުގައި ބައިވެރިނުވެވުނުއިރު މުހައްމަދު ސުފްޔާން ބަލިވެއުޅުމުގެ ސަބަބުން އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އާތިފް ރަޝީދަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދީފަ އެވެ. އަދި މައްސަލައިގައި ދެން ހިމެނޭ މީހުންނަށް ވަކީލަކު އައްޔަންކުރުމުގެ އިރުޝާދު އިދާރީ ގޮތުން ދިނުމަށްވެސް ނިންމާފައިވެ އެވެ.
12 އަހަރު ކުރިން އަރުހަމް މަރާލި މައްސަލައިގައި ހިމެނޭ މުހައްމަދު ސުފްޔާން، އާތިފް ރަޝީދު އަދި މަންސޫރު ޔޫސުފްގެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ 4 ޑިސެމްބަރު 2023 ގަ އެވެ.