މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް އޮފީސް އިއްޔެ އިފްތިތާހުކޮށްދެއްވައިފިއެވެ.
އައްޑޫސިޓީ މަރަދޫގައި ގާއިމްކުރި ކަސްޓަމްސްގެ އާ އޮފީސް އިފްތިތާހުކޮށްދެއްވީ އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.
އާ ކަސްޓަމްސް އޮފީސް އިފްތިތާހު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ ލާމަރުކަޒީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަސްޓަމްސް އަށް ގޮވާލައްވާފަ އެވެ.
އައްޑޫ ސިޓީއަކީ ރާއްޖޭގެ ބޮޑު އިމްޕޯޓް ހަބަކަށް ވާތީ، އެ ރަށުގެ ރައްޔިތުންނަށް އަވަސް އަދި ރަނގަޅު ކާގޯ ކްލިއަރެންސް ހިދުމަތެއް ދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
އަލަށް ހުޅުވި ކަސްޓަމްސް އޮފީހުގެ އަސާސީ މަސައްކަތަކީ ސަރަހައްދުގެ ލިޔެކިޔުމުގެ މަސައްކަތް ނަމަވެސް، މިހާރު ހަމައެކަނި ވެރިރަށް މާލޭގެ މައި އޮފީހުން ލިބޭ ބައެއް ހިދުމަތްތައް އެ އޮފީސް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
”މިހާރު މިއޮފީސް ބައްޓަން ކުރަމުން މިދަނީ ސަރަހައްދުގެ ގިނަ ޑޮކިއުމަންޓޭޝަން މަސައްކަތްތައް ކުރެވޭ ގޮތަށް. ކުރިއަށް އޮތްތަނުގައި މިއޮފީހަކީ މުޅި ރާއްޖޭގައި ބައެއް ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ އޮފީހަކަށް ވާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ މި އޮފީހާއެކު ސަރަޙައްދުގެ އެކި ބަނދަރުތަކާއި ބަނދަރުތަކަށް ފޯރުކޮށްދޭ ކަސްޓަމްސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ގޮތުން އޮފީހުގައި ކްލާސްރޫމްތައް ގާއިމްކޮށްފައިވާކަން ވެސް ދިޔާނާ ފާހަގަކުރެއްވި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސަދަން ރީޖަނަލް ހެޑް އޮފީހުގައި ކްލާސްރޫމްތަކާއި ކޮންފަރެންސް ހޯލަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވެ އެވެ.