އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލަން ދިން ޑްރަގްގެ އަސަރު އެ ހޮސްޕިޓަލުގައި މަސައްކަތްކުރި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެެ ގެއިން ފެނުނު ސިރިންޖުތަކުން ނުފެންނަކަމަށް ހެކިވެރިޔަކު މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ބުނެފި އެވެ.
މިއަދު ޝަރީއަތަކަށް ހެކިބަސް ދިނީ މޭރީގެ ލޭގެ ސާމްޕަލްއަކާއި ލަމްހާގެ ގެއިން ފެނުނު ދެ ސިރިންޖު ތަހުލީލުކުރި އިންޔާގެ ފޮރެންސިކް ޕްރޮފެސަރެކެވެ.
މޭރީގެ ހަށިގަނޑުން ހޭނެއްތުމަށް ބޭނުންކުރާ ޑްރަގެއްގެ އަސަރު ފެނުނު ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައި ވެއެވެ. އަދި އެކަން ފޮރެންސިކް އެނަލިސިސް އިންވެސް ސާބިތުވެފައި ވެއެވެ. ނަމަވެސް ލަމްހާއާއި ދެކޮޅަށް ހުށަހެޅުނު ހެކިތަކުގެ ތެރޭގައި ހިމެނޭ ދެ ސިރިންޖުން މި ޑްރަގްގެ އެއްވެސް އަސަރެއް ނުފެންނަ ކަމަަށް ފޮރެންސިކް އެނަލިސިސް އިން ސާބިތުވެފައި ވެއެވެ.
ފިލިޕިންސަށް ނިސްބަތްވާ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މޭރީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.