ކޮޕީރައިޓްސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފި އެވެ.

މި ބިލަކީ 02 ޑިސެންބަރު 2024 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.

މި ގާނޫނަށް ގެނެސްފައިވާ އިޞްލާޙުގެ މަގުސަދަކީ، ކޮޕީރައިޓުގެ ޙިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ޙައްޤުތަކާގުޅޭ ކަންކަން އިތުރަށް ތަފްޞީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައެޅުމާއި، ކޮޕީރައިޓްގެ ޙައްޤުތަކަށް ޙިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާގުޅޭ ޙައްޤުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ޓަކައި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ޙިމާޔަތްކުރެވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މި ޤާނޫނުގެ ދަށުން އުފެއްދުމެއް ޙިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަޤްޞަދަށް ބަލައިގެންނޫން ކަމަށާއި، މި ޤާނޫނުގެ ދަށުން އުފެއްދުމެއް ޙިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، މި އިޞްލާޙުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްވެސް ޙައްޤަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ޙައްޤަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ޙައްޤު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރުމުގެ ޙައްޤު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވާކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ