ރިޔާދުގައި ބޭއްވުނު ޔޫއެންސީސީޑީ ކޮޕް 16 ގައި، އީކޯސިސްޓަމް މޮނީޓާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ރާއްޖެއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިކަމަށް އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ދެ ސައިޑް އިވެންޓެއްގައި ވާހަކަދައްކަވަމުން ނެވެ. މި ދެ އިވެންޓްގައި މިނިސްޓަރ ވަނީ ރާއްޖެއަކީ ޖިއޮގްރަފީގެ ގޮތުން އީކޯސިސްޓަމް މެޕްކޮށް މޮނީޓާ ކުރުމުގައި ގޮންޖެހުން ހުރި ގައުމެއްކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން، ރާއްޖޭގެ އީކޯ ސިސްޓަމް މޮނީޓާ ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި ވެއެވެ.
މިނިސްޓަރ ޠާރިޤު ވިދާޅުވިގޮތުގައި، މި އެއްބަސްވުން ގާއިމުކޮށްފައިވަނީ ގްރޫޕް އޮން އާތް އޮބްޒަވޭޝަންސްއާ އެކުގަ އެވެ. މި އެއްބަސްވުމުގެ ދަށުން، ޒަމާނީ ޖީއޯސްޕެޝަލް ޓޫލްސްއާއި އިލްމުގެ އަލީގައި ރާއްޖޭގެ އީކޯ ސިސްޓަމްތައް މޮނީޓާކޮށް މެޕް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އޭއައި ޓެކްނީކާއި ސެޓަލައިޓް އިމޭޖަރީ ބޭނުންކުރުން ހިމެނެ އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަސައްކަތުން އެއްކުރެވޭ ޑޭޓާއިން ދިރާސާކާރުންނާއި ތިމާވެށީގެ މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިމާވެށީގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ރަށްގިރުންފަދަ ކަންތައްތަކަށް ސަމާލުވުން މިސާލެއްގެ ގޮތުގައި ނަންގަވަމުން މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ތިމާވެށްޓެއް ގާއިމުކުރުމަށް މި އެމްއޯޔޫ ފައިދާބޮޑު ކަމަށެވެ.
ޔޫއެންސީސީޑީ ކޮޕް 16 ގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލުމަށް އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ޑޭޓާގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި މިފަދަ ޑޭޓާތަކަކީ ދިރާސާކުރާ ފަރާތްތަކަށާއި މުޖުތަމަޢުތަކަށް ތިމާވެށި ދެނެގަތުމަށާއި އޭގެ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރ ޠާރިޤު އިތުރަށް ފާހަގަކުރެއްވީ، ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ”އާރތު އިންޓެލިޖެންސް“ އާއި އެހެނިހެން އައު ގޮތްތައް ބޭނުންކޮށްގެން ޑޭޓާ އެއްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭރުގެ ބައިވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އެފަދަ އެހީތެރިކަމަށް މަރުޙަބާ ކިޔާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެންވާރަމެންޓް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، މި ދާއިރާގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައިވެ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް