ކުރީ ސަރުކާރުން ގެެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓްގެ ލިސްޓް އާންމުކުރެވޭނެ ކަމަށް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރޭ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. އިންޓަވިއުގައި މިނިސްޓަރ ވިދާޅުވީ ފްލެޓްތައް ހަދާ ނިމުމުގެ ކުރިން ލިސްޓް އިއުލާންކުރައްވާނެ ކަމަށެވެ.
”ކޮންމެ ގޮތެއްވިޔަސް އަދި ބަޔަކު ހޮވުނަސްވެސް އެތަން ނުނިމެނީސްއެއް މީހުންނަކަށް އެތަނަކަށް ނުއެއް ވަދެވޭނެ. އެހެންވީމަ އެކަމުގައި މާކަށް ގިނަ ދުވަހެއް ނުނަގާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ,“ މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ވަރަށް ބޮޑަށް އެކަމުގެ މަސައްކަތް ހަލުވި ކުރެވިއްޖެ ކަމަށެވެ. ފްލެޓްގެ ބާކީ ނުނިމިހުރީ ކުޑަ މަސައްކަތެއް ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ.
”ފަހަރެއްގައި މިއަހަރު ނިމުމުގެ ކުރިންވެސް އިއުލާންކުރެވޭވަރު ވެދާނެ,“ މިނިސްޓަރ ވިދާޅުވި އެވެ. އެހެންނަމަވެސް އަދި ވަކި ތާރީހެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ފްލެޓް ލިސްޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ފްލެޓް ލިސްޓަށް އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި އެކަހަލަ އެއްވެސް ނަހަމަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އިރުޝާދު ދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
”އިރާދަކުރެއްވިއްޔާ އެއްވެސް ނުފޫޒެއްނެތި ވަރަށް ހަމަހަމަކަމާއި އެކީގައި އަޅުގަނޑުމެން ކަނޑައަޅާފައި ހުރި އުސޫލުތަކާއި ޝަރުތުތަކަށް ފައްތައިގެން އެކަމަށް އެންމެ ޝަރުތު ހަމަވާ ބަޔަކަށް ނޫނިއްޔާ އަޅުގަނޑުމެން ފްލެޓްތައް ހަވާލެއް ނުކުރާނަން,“ މިނިސްޓަރ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ބިނާކުރި ފުރަތަމަ 4000 ފްލެޓް، އެސަރުކާރުގެ ވެރިކަން ނިމެން ގާތްވެފައިވަނިކޮށް ބަހާލާފައިވަނީ އިންސާފުވެރި ނޫންކޮށް ކަމަށް ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ. އޭސީސީގެ އަމުރަށް ހައުސިން މިނިސްޓްރީން އެ ލިސްޓް ރިވިއު ކުރަމުންދާއިރު، މި ސަރުކާރުން އެ ލިސްޓަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ 17 ނޮވެމްބަރުގައި ވިދާޅުވެފައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6% އަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ. މިކަމާ ގުޅިގެން ކުރީގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ބައެއް ފަރާތްތަކުން ހުށަހެޅި ފޯމްތަކުގައި އޮޅުވާލައިގެން ފޮނުވާފައިވާ ލިޔެކިޔުންތައް ހުރުމުން، އެ މައްސަލަ އޭސީސީއަށް ހުށަހެޅުނެވެ.
ހައުސިން މިނިސްޓްރީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް