ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރް އަހްމަދު ތައިލޭންޑް ވެރިރަށް ބެންގްކޮކަށް ރޭ ފުރާވަޑައިގެންފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތައިލޭންޑަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޖަލްސާއެއްގައި ރާއްޖެ ތަމްސީލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފުރަތަމަ ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސަކީ އޭޝިޔާ ޕެސިފިކް ސްޓެޓިސްޓިކްސް ވީކް އާއި ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ. އޭޝިޔާ ޕެސިފިކް ސްޓެޓިސްޓިކްސް ވީކް ފާހަގަކުރަނީ 9 ޑިސެމްބަރ އިން 13 ގެ ނިޔަލަށެވެ.
މި ބައްދަލުވުމުގައި ތަފާސް ހިސާބު އެއްކުރުމާއި އެ މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.
”ރައީސް އިއުލާންކުރައްވާފައިވާ 20 އަހަރުގެ މާސްޓާޕްލޭން އެކުލަވާލުމުގައި އަޅުގަނޑުމެންނަށް ތަފާސްހިސާބުގެ މުހިންމުކަން ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިފައި. ސާވޭކުރުމުގައި ހުރި މައްސަލަތަކާއި އެކަމަށް އަޅުގަނޑުމެންނަށް ގެނެވޭނެ ހައްލުތަކާއި ގުޅޭގޮތުން ސަރަހައްދީ ލެވެލްގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެއް ފުރަތަމަ ބައްދަލުވުމަކީ“
މިނިސްޓަރ ވިދާޅުވީ މި ކޮންފަރެންސްގެ ދެވަނަ ބައްދަލުވުމަކީ މި އަންނަ އަހަރު ޖޫން މަހު ސްޕެއިންގެ ސެވިއްޔާގައި އޮންނަ ފައިނޭންސިން ފޯ ޑިވެލޮޕްމެންޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ދެވަނަ ބައްދަލުވުމެއް ކަމަށެވެ. މިކަމާއި ގުޅޭ ފުރަތަމަ ބައްދަލުވުމުގައިވެސް ރާއްޖެއިން ބައިވެރިވި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެއީ އެތިއޯޕިއާގެ އަޑިސް އަބަބާގައި އޮތް ބައްދަލުވުމެކެވެ. އެ ބައްދަލުވުމަށްފަހު އޭގެ ދެވަނަ ބައްދަލުވުން އޮންނަނީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ކަމަށްވެސް މައުލޫމާތު ދެއްވި އެވެ.
”ދެވަނަ ބައްދަލުވުމުގައި ވަކިން ހާއްސަކޮށް މި ބަލަނީ މިހާރު ދުނިޔޭގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބެންވާ ފައިސާގެ މާލީ އެހީ ހޯދުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން ވާހަކަދައްކާ އެކަމަށް ހައްލުތަކެއް ގެނައުމަށް. ފައިނޭންސިން ފޯރ ޑިވެލޮޕްމެންޓްގެ މި އަންނަ އަހަރު އޮންނަ ކޮންފަރެންސްއަށް ބޭއްވޭ ދެވަނަ ބައްދަލުވުން މިއީ“
މި އިވެންޓުގައި ޑިސެމްބަރު 11 ގައި މަތީ ފެންވަރުގެ ސެގްމަންޓެއް ހިމެނޭއިރު، މެންބަރު ގައުމުތަކުން ޑިކްލެރޭޝަން އޮން ނެވިގޭޓިން ޕޮލިސީ ވިތު ޑޭޓާ ޓު ލީވް ނޯ ވަން ބިހައިންޑްގައި (އެއްވެސް މީހެއްގެ ތަފާސް ހިސާބު ބާކީ ނުކުރުމުގެ ސިޔާސަތު ހޯދާ ބެލުމުގެ މުއާހަދާ) ހޯދުނު ކުރިއެރުންތައް ރިވިއުކުރާނެ އެވެ. ޑިސެމްބަރ 12 އިން 13 އަށް ކުރިއަށްގެންދާ ސެގްމެންޓްގެ ދަށުން ޒަމާނީ ފެންވަރުގެ ސްޓެޓިސްޓިކަލް ސިސްޓަމްތަކާއި ގުޅޭގޮތުން ގައުމުތަކުން މަޝްވަރާ ކުރާނެ އެވެ.