ކ. ދިއްފުށި ސްކޫލުން އޭ ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެރަށު ކައުންސިލުން ދަންނަވައިފި އެވެ.
ހުރާ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ ދިއްފުށި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ މެންބަރުންނާ އެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އޭ ލެވެލް ފެންވަރަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން، ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ޞިއްޙީ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެކި ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ހޯލެއް ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބައިވެރިވެވަޑައިގެންނެވި ވަޒީރުން، ދިއްފުށީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާކުރައްވައިގެން ހައްލުކުރެވެން ހުރި ކަންކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާ ކަމަށެވެ.
މި ބައްދަލުވުމަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ސަރުކާރުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.