ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކ. ހިންމަފުއްޓަށް ވަޑައިގެންނެވުމުން ވަރަށް އުފާވެރި މާހައުލެއްގައި އެމަނިކުފާނަށް އެރަށުގެ ރައްޔިތުން މަރުހަބާ ކިޔައިފި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އެގޮތުން މިއީ މި ދަތުރުފުޅުގެ ފަހު ރަށެވެ. މިރޭ ރައީސް މުއިއްޒު މާލެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިންމަފުއްޓަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން ވަރަށް ގިނަ ރައްޔިތުންތަކެއް އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ރަށުގެ ބަނދަރަށް ނިކުތެވެ. އުފާވެރި މާހައުލެއްގައި ހިނިތުންވުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސްއާ ސަލާމް ކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ހިންމަފުށި ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރައީސް ހިންމަފުއްޓަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންމަފުށީގައި ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތް އިފްތިތާހު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.