މިއަދަކީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަހެއް ކަމުގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މާދަމާއިން ފެށިގެން މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރެވޭނެ އެވެ.
މިނިސްޓަރ ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ގެންދަވަނީ އެމަނިކުފާނުގެ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވަމުން ކަމަށެވެ.
”މަސްވެރިންގެ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރައްވާ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭގޮތަށް މިއަދު ހަމަޖެއްސެވިކަމީ މަސްވެެރިންގެ ކަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ އަލިގަދަ ހެއްކެއް,“ މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މިއަދު ވިދާޅުވެފައިވަނީ، މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓު ހުޅުވާފައިވާ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި އެހެން ބޭންކްތަކުގައި އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށްވެސް އަވަސް މުސްތަޤުބަލެއްގައި މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އައު އިންތިޒާމަކީ ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް އަދި މިފްކޯއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހިގެން ދިޔަ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މަސްވެރިންގެ އަޑު އަހައިގެން، މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް