ސަރުކާރުން ހިންގުމުގެ ބަދަލުގައި އެރަށެއްގެ މަސްވެރިން ބޭނުންނަމަ އައިސްޕްލާންޓްތައް ކައުންސިލާ ނުވަތަ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ތައްޔާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނު ކ. ގާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރޭގަ އެވެ. ރައީސް ވިދާޅުވީ އައިސް ޕްލާންޓްތައް ހިންގުން މިފްކޯ ނުވަތަ އެހެން ކުންފުންޏަކާވެސް ހަވާލުކުރެވިދާނެ ކަމަށާއި، ނުވަތަ ކައުންސިލާވެސް ހަވާލުކުރެވިދާނެ ކަމަށެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ލާމަރުކަޒީ ކުރަން. އެކަން ސަރުކާރުން ދޫކުރާނީ މަސްވެރިންގެ އަތްމައްޗަށް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މަސްވެރިންގެ މަސްލަހަތާ ބެހޭގޮތުން ވާހަކަދައްކަވާ ފައެވެ. އެގޮތުން، މަސްވެރިންނަށް ސަރުކާރުން ދައްކަންޖެހޭ ބެކްލޮގް ކްލިއަރ ކުރެވިފައިވާ ކަމަށާއި، މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން 38 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން މާދަމާއިން ފެށިގެން ބީއެމްއެލް އެކައުންޓް ގެންގުޅޭ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރާނެ ކަމަށް ރައީސް އިޢުލާންކުރެއްވި އެވެ. އަދި އެމްއައިބީއާ ވާހަކަދައްކައިގެން އެ ބޭންކުގެ އެކައުންޓްތައް ގެންގުޅޭ މަސްވެރިންނަށްވެސް ރަނގަޅު ގޮތެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ދޯނިފަހަރުގައި އައިސް ތައްޔާރުކުރެވޭނެ އާރްއެސްޑަބްލިޔު ނިޒާމް ގާއިމުކުރުމަށް އަންނަ އަހަރުވެސް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރާނެ ކަމަށާއި، މި ހަފުތާގައި މަސްވެރިންގެ ދަފްތަރުގެ ގަވާއިދު ބުރާސްފަތި ދުވަހުގެ ނިޔަލަށް އާންމުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ކޫއްޑޫ އާއި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރާ ކަމަށާއި، މަސްވެރިކަން ކުރިއެރުވުމަށް ކޭނިންގ ފެސިލިޓީތައްވެސް ގާއިމުކުރައްވާނެ ކަމަށެވެ.